ގދ. ނަޑެއްލާގެ އައު ބަނދަރު ހެދުމުގެ މަސައްކަތް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
އަދި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރެވެ.
މި މަޝްރޫޢު ދަށުން ކުރުމަށް 82،080 ކޮޑި މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުމާއި 19،600 ކޮޑި މީޓަރު ވެލި އައު ނެރުން ކޮނުމާއި 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުމާއި 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުމުގެ އިތުރުން 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އަދި 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 105 މީޓަރުގެ ނެރުފައިކަށި ޖެހުމާއި 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުމާއި ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 534 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި 534 މީޓަރުގެ ސްކަވަރިންގ އޭޕްރަން ޖެހުމާއި 10 މޫރިންގ ބޮއި ހަރުކުރުން، 11 މީޓަރު 11 މީޓަރުގެ ރޭމްޕްއެއް ހެދުން، 6 ނެރު ބައްތި ޖެހުމާއި 18 ބަނދަރު ބައްތި ޖެހުން، 2660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުން ހިމެނެއެވެ.
78.65 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.


