ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުުހުން މިއަދު ބުނީ ދުވާފަރު ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖުލައި މަހުގެ 7 ވަނަ ދުވަހާއި 9 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން މި ދެ އޮޕަރޭޝަނުގެ ތެރެއިން، މި މަހު 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ފިނިރޯޅި، އާދަމް އިބްރާހީމް (31އ) އާއި ރ. ދުވާފަރު / މަރިޔާދުގެ، އިބްރާހީމް ސިނާން (37އ) އާއި ރ. ކަނދޮޅުދޫ / ސަކީނާ މަންޒިލް، ޢަބްދުﷲ އާދަމް (51އ) އެވެ.
މި މަހު 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ވިލާ، ޢަބްދުﷲ ޝާއިފް (25އ) އެވެ.
ފުލުުހުން ބުނީ މި ހަތަރު މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅުތަކެއް ފެނިފައިވާ ކަމަށެވެ.
އެހެންކަމުން އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ދުވާފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.



