14 ގުރާމު މަސްތުވާތަކެއްޗާއެކު ތ. ގުރައިދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ / ރާގެ، ރާއިދު މުޙައްމަދު (28އ) އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މި މަހުގެ 12 ވަނަ ދުވަހު ތ. ގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އޭނާ ހާއްޔަރުކޮށްފައިވަނީ ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން އެރަށު ބަނދަރު ސަރަހައްދުން ރާއިދު މުޙައްމަދު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 14 ގުރާމު ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ގުރައިދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަަ ކަމަށެވެ.



