މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީ މަރާލި އެ ރަށު އޯކިޑްމާގެ ޢަބްދުއްރަހްމާން އާދަމް 65އ މަރާއި ގުޅިގެން އެ ރަށު ކައުންސިލް އިދާރާ އަށް މީހުން ހާޒިރުކޮށް ބައެއް ފޮރެންސިކް މައުލޫމާތުތައް އެއްކުރަން ފަށައިފިއެވެ.
މާޅޮހަކީ ފުލުހުންގެ ޕޯސްޓެއް ހުންނަ ރަށަކަށް ނުވާތީ ފުލުހުން ފޮރެންސިކް ހެކިތައް އެއްކޮށް މަޢުލޫމާތު ނަގަމުން ދަނި އެ ރަށު ކައުންސިލް އިދާރާގައެވެ.
ދަންވަރުގެ ވަގުތެއްގައި ނިދާ ކޮޓަރީގައި ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއްދީފައި ވަނިކޮށް އަބްދުއްރަހުމާން އެންމެ ފުރަތަމަ ފެނިފައި ވަނީ އޭނާގެ އަންހެނުންނަށެވެ.
އެގޮތުން އަބްދުއްރަހްމާންއަށް ދީފައިވާ ޒަހަމްތަކުގެ މަޢުލޫމާތު ލިބުމުން ސިއްހީ މަރުކަޒަށް އޭނާ ގެންދަން އެރަށުން ބައެއް މީހުން އެގެއަށް ވަދެފައި ވެއެވެ.
އެހެންކަމުން މި ހާދިސާގައި ފުލުހުން ވަނީ ޒަހަމްތަކާއެކު އަބްދުއްރަހްމާން އޮއްވާ އޭނާ އާ ދިމާވި ހުރިހާ އެންމެންގެ ސާމްޕަލް ނަގަން ނިންމާފައެވެ.



