މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް މުޅި ޖުމްލަ 24،030،291 (ސައުވީސް މިލިއަން ތިރީސް ހާސް ދުއިސައްތަ ނުވަދިހަ އެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާ އާއި އަޅާބަލާއިރު 112.6 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައި ވަނީ ހޯމަ ދުވަހު ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
”އެ ދުވަހު މިފްކޯއަށް 75 ދޯންޏަކުން މަސްކިރުވާފައިވާއިރު، މަސްވެރިނަށް މުޅި ޖުމްލަ 5,156,362 ( ފަސް މިލިއަން އެއް ލައްކަ ފަންސާސް ހަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ދެ) ރުފިޔާ ދޫކޮށްފައިވޭ“ ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ވޭތުވެ ދިޔަ ހަފްތާ 379 ދޯންޏަކުން މިފްކޯއަށް މަސް ކިރުވާފައިވާއިރު އޭގެ ކުރީ ހަފްތާ މިފްކޯއަށް މަސް ކިރުވާފައި ވަނީ 240 ދޯންޏަކުން ކަމަށެވެ.
48 ގަޑިއިރުގެ ތެރޭގައި މަސްވެރިން ކިރުވާ މަހަށް ފައިސާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ.
މި މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް މިފްކޯ އިން ވަނީ 9.3 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ. އެއީ:
1. މަހުގެ ފުރަތަމަ ދުވަހު 1.3 މިލިއަން ރުފިޔާ
2. މަހުގެ ދެވަނަ ދުވަހު 1.5 މިލިއަން ރުފިޔާ
3. މަހުގެ ތިންވަނަ ދުވަހު 3.5 މިލިއަން ރުފިޔާ
4. މަހުގެ ހަތަރު ވަނަ ދުވަހު 3.01 މިލިއަން ރުފިޔާ
އެއީ މުޅި ޖުމްލަ 154 ދޯންޏަކުން ކިރުވި މަހަށް މިފްކޯ އިން ދޫކުރި ފައިސާގެ އަދަދެވެ.



