ފްލެޓް ދިނުމުގެ މަސައްކަތް ލަސްވަނީ މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމަށް ގިނަ ދުވަސް ބޭނުންވާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ޑރ. މުއްތަލިބު މިހެން ވިދާޅުވީ މިވަގުތު ކުރިއަށްދާ ”އަހާ“ ފޯރަމްގައި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު މީހުންގެ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ލަސްވާތީ އާއްމު ރައްޔިތަކު ކަންބޮޑުވުން ފާޅުކޮށްކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިކަމާއި ގުޅިގެން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ފްލެޓް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތަށް ދިގު މުއްދަތެއް ހޭދަވަމުންދަނީ ހުށައަޅާފަވާ މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމަށް ގިނަ ދުވަސް ބޭނުންވާތީ ކަމަށެވެ.
”މި މަޢުލޫމާތުތަކަކީ ސަރުކާރުގެ ކަމާގުޅޭ އެކި މުއައްސަސާތައް މެދުވެރިކޮށް ކަށަވަރުކުރާ މަޢުލޫމާތަށްވާތީ އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަވޭ“މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްވެސް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭ ކަމަށެވެ.
އަދި އަންނަ ހަފްތާފައި އެގްރިމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި އެކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށްގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




