ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 595000 ގަސް އިންދާފައިވާ ކަމަށް ޓުއަރިޒަމް އެންޑް އެންވަޔަަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޠާރިޤު މިހެން ވިދާޅުވީ 6 ވަނަ އަހާ ފޯރަމްގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާތަނަށް 595،000 ގަސް އިންދާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގައި މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކާއި، އަމިއްލަ ފަރާތްތަކާއި، ކުންފުނިތަކާއި، އެސްއޯއީތަކާއި، ޓޫރިސްޓު ރިސޯޓުތަކުން ބައިވެރިވެގެން ގަސް އިންދާފައި އެބަހުރި ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް ޑރ މުހައްމަދު މުޢިއްޒު ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން އިއުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.
ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވާފައި ވަނީ މިދިޔަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.




