މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް ސްޓްރޯކް ޖެހިގެން 500 މީހުން އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ އުމުރުން ހަގު މީހުންނާއި ޒުވާނުން ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ތަފާސްހިސާބުތަކުން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ’ރާއްޖެމިއަދު‘ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ނިއުރޯސާޖަރީ ޑރ. ޢަލީ އާފީ ވިދާޅުވީ ދުނިޔޭގެ ނިސްބަތަށް ބަލާއިރުވެސް ސްޓްރޯކް ޖެހޭ މިންވަރު މިހާރު %50 އިތުރުވެފައިވާ ކަމަށެވެ.
އަދި އުމުރުން 25 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އުމުރުދުވަހުގެ ތެރޭގައި ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ނުވަތަ ރިސްކު %25 ގައި އުޅޭ ކަމަށް ޑރ. އާފީ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާރު އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާއިރު، އޭގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ ހިތުގެ ބަލިތަކާއި ސްޓްރޯކެވެ. ލޭމަތިވުމާއި، ހަކުރުބަލި އަދި ކޮލެސްޓްރޯލް މަތިވުން ފަދަ ސިއްޙީ މައްސަލަތައް އިތުރުވަމުން ދިއުމާއެކު، އުމުރުން ހަގު މީހުންނަށް ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ޑރ. އާފީ ވިދާޅުވިއެވެ. ހިސާބުތަކުން ދައްކާ ގޮތުގައި އައިޖީއެމްއެޗްގައި ސްޓްރޯކް ޖެހިގެން ފަރުވާ ހޯދާ ކޮންމެ ފަސް މީހަކުން އެކަކީ އުމުރުން 45 އަހަރުން ދަށުގެ މީހެކެވެ. މީގެ ތެރޭގައި އުމުރުން އެންމެ 16 އަހަރުގެ ކުދިންނަށްވެސް ސްޓްރޯކް ޖެހިގެން ފަރުވާ ދޭންޖެހިފައިވާ ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
ސްޓްރޯކަކީ ސިކުނޑީގެ ލޭހޮޅިއެއް ބެދުމުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ދިމާވާ ކުއްލި ސިއްޙީ ޙާލަތެކެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގެ އެއްފަޅިން ވާގިނެތުމާއި، މޫނުގެ އެއްފަރާތް ދަމައިގަތުމުގެ އިތުރުން ވާހަކަދައްކަން އުނދަގޫވުމާއި ދައްކާ ވާހަކަ ދޭހަނުވުން ހިމެނެއެވެ. ޑރ. އާފީ ވިދާޅުވީ ސްޓްރޯކްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދަންޖެހޭނެ ކަމަށާއި، ވީހާވެސް އަވަހަށް ފަރުވާ ދެވިއްޖެނަމަ ބަލިން އަރައިގަތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ބަލިމީހާ އެނބުރި އާންމު ހާލަތަށް ގެނައުމުގައި ނުވަތަ ރިކަވަރީ މަރުހަލާގައި އާއިލާގެ އެހީތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ޑރ. އާފީ ފާހަގަކުރެއްވިއެވެ.
”އާއިލާގެ އެއްބާރުލުމަކީ ވަރަށް މުހިންމުކަމެއް ސްޓްރޯކްގެ ރިކަވަރީ ޕްރޮސެސްގައި. ޚާއްސަކޮށް ޓްރާންސިޝަންއަކީ ވަރަށް މުހިންމުކަމެއް. ހޮސްޕިޓަލުން ގެޔަށް ބަލިމީހާ ބަދަލުކުރާއިރު އެ ޕާތުވޭ އެސްޓަބްލިޝްކުރުމަކީ ވަރަށް މުހިންމުކަމެއް. އެހެންވީމަ އާއިލާގެ ސަޕޯޓް ވަރަށް މުހިންމު. މިސާލަކަށް ބަލިމީހާއަށް ކާންދޭނީ ކިހިނެތްތޯ. ހޮސްޕިޓަލުގައި ބަލިމީހާ އޮންނަ ދުވަސްވަރު ދަސްކުރުން ވަރަށް މުހިންމު. ފިޒިއޮތެރަޕީކަންކަން ކުރުން،“ ޑރ. އާފީ ވިދާޅުވިއެވެ.
އެކި މީހުންނަށް ސްޓްރޯކްގެ އަސަރުކުރާ މިންވަރު ތަފާތުވުމާއެކު، ބައެއް މީހުން އަވަހަށް ފަސޭހަވި ނަމަވެސް އަނެއްބައި މީހުންނަށް ދިގު މުއްދަތަކަށް ފަރުވާ ހޯދަން ޖެހެއެވެ.
އެހެންކަމުން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދިނުމުގެ އިތުރުން ގޭގައި ބަލިމީހާ ބެލެހެއްޓުމާއި ފިޒިއޮތެރަޕީ ފަދަ ކަންކަމުގައި އާއިލާގެ ދައުރު ވަރަށް ބޮޑެވެ.



