މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީގެ ނަމުގައި ސަރުކާރުގެ އައު އިދާރާއެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފިއެވެ.
މި ބިލް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދުއެވެ.
އެގޮތުން މި ބިލުގެ ބޭނުމަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ނިޒާމެއް ގާއިމުކޮށް ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމަށް ހިތްވަރުދީ އެ ދާއިރާ ކުރިއެރުވުމެވެ.
މި ބިލު ފާސްކުރުމާއެކު ’މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނޫ‘ ވުޖޫދުވާނެއެވެ.
އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ އެންމެ އިސް ވެރިއަކަށް ހުންނާނީ ރަޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީއެވެ.
އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ މައްސޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީކުރުމާއި ރަޖިސްޓްރީކުރެވޭ ފިކުރީ މުދަލާ ބެހޭ ދަފްތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން ހިމެނެއެވެ.
އަދި ބައިނަލްއަގްވާމީ އިންޓަލެކްޗުއަލް ޕްރޮޕަޓީ ޖަމިއްޔާތަކާ ގުޅުން ގާއިމުކޮށް، ފަންނީ އެހީއާއި ލަފާ ހޯދައި، ފިކުރީ މުދަލާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބައިވެރިވެ، ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާ ކުރުން އެ އޮފީހުގެ މައްސޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.



