މަސްދޯންޏެއްގައި 72 ކިލޯ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާ ލިބުނު ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މި މައްސަލައަކީ ”މަސްޖަރީ-2“ ނަމަކަށް ކިޔައި ދޯންޏެއްގައި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައެކެވެ.
މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރަނީ ސ. ހުޅުދޫ، ދޭލިއާގެ / އިރުފާން ތަގިއްޔުގެ މައްޗަށެވެ. ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވާއިރު ދެން ދައުވާކުރީ އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީގެ މައްޗަށެވެ.
އެ ދޯނީގައި ޑްރަގް އެތެރެކުރިކުރަން ސާބިތުނުވާ ކަމަށް ބުނެ އެ ތިން މީހުންނަށް ވެސް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މީގެއިތުރުން، މި މައްސަލައިގައި ދެން ހިމެނުނު ހަތް މީހެއްގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އެއީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލަ އިސްތިއުނާފުކުރުމަށް އޮތް މުއްދަތު ހަމަވި އިރު، ރިޕޯޓުތައް ނުލިބޭތީ އޮތީ އިސްތިއުނާފު ނުކޮށެވެ. ދަށު ކޯޓުން ރިޕޯޓްތައް ދޫކުރާ ތާރީހުން ފެށިގެން އިސްތިއުނާފުގެ މުއްދަތު ގުނުމުގެ ހުއްދަ ކޯޓަށް ދެވިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިހާރު ކަނޑައަޅާފައި ވާތީ ކޯޓުން ވަނީ އެ މުއްދަތު އިތުރުކޮށްދީފައެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.




