ގިނަ ބައެއްގެ ސަމާލުކަން ހޯދި އެންމެ ބޮޑު އެއް ކައިވެނި ކަމަށްވާ ސަން ސިޔާމް ގްރޫޕް އޮފް އިންޑަސްޓްރީސްގެ ޗެއާމަން އަހްމަދު ސިޔާމް މުޙައްމަދު އާއި ކަމަދޫގެ ޢީދު ޝޯއިން މިދިޔަ އަހަރު މަޝްހޫރުވި އާމިނަތު ޒާރާގެ ކައިވެނި ރޫޅުނު ޚަބަރާއެކު، ޒާރާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ސިޔާމްގެ ނަމާއި ފޮޓޯތައް ވެސް ގެއްލިއްޖެއެވެ.
ބޮޑު ޚަރަދެއް ކޮށްގެން ސިޔާމްގެ ރިސޯޓެއްގައި ވަރަށް ވެސް ފުރިހަމަ ޚަފްލާއެއް ބާއްވައި ޒާރާއާއި ސިޔާމް ކައިވެނި ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.
ލައިވް މިޔުޒިކް އަދި ޑާންސް ޝޯއަކާވެސް އެކު އެރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އެ ކައިވެނީގެ އުފަލުގައި ވަނީ ހަވާ ވެސް އަރުވާފައެވެ. އަދި އެ ހަވާގެ ކުލަތައް އޭގެ ހަފްތާއެއްހާ ދުވަސް ފަހުން، ޒާރާގެ އުފަން ރަށް ބ. ކަމަދޫ ގައި ވެސް ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށްފަހު އެރުވިއެވެ.
ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވާ ފެންވަރު ރަނގަޅުކަމުން، ގިނަ ބަޔަކު ޒާރާއާއި ސިޔާމްގެ ކައިވެނި ސިފަކުރީ ރާއްޖޭގެ ”އަމްބާނީ“ ކައިވެނީގެ ގޮތުގައެވެ.
ކައިވެނީގެ ބޮޑު ޚަފްލާއަށްފަހު، ދެން ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ ޒާރާގެ ސޯޝަލް މީޑިއާ އަށެވެ. އޭގައި ޒާރާގެ ނަމުގެ ފަހަތަށް ސިޔާމްގެ ނަން އެއްކޮށްލާފައި ”ޒާރާ ސިޔާމް“ އަށް ވަނީ ބަދަލު ކޮށްފައެވެ. އަދި ސިޔާމްއާއެކު ހޭދަކުރާ ވަގުތުތައް ވެސް ސްޓޯރީއަށް ހިއްސާ ކުރުމާއި ”ޤަލްބީ“ ގެ ނަން ޖަހާފައި ވަކިން ޚާއްސަކޮށް އިންސްޓަގްރާމްގައި ފޯލްޑަރެއްވެސް ޒާރާ ހެދިއެވެ.
ގިނަ ބައެއްގެ ސަމާލުކަން އެ ހިނދުކޮޅުތަކަށް އޮހެމުންދިޔައެވެ. އަދި ހަމައެއާއެކު އެފަދަ ތަނަވަސްކަމެއް ލިބުމަށް ވެސް ގިނަ ބަޔަކު ފާޑުކިޔުންތަކާއެކު ވެސް އެދެމުން ދިޔައެވެ. އެއީ ހުވަފެނީ ކައިވެންޏަކާ ވަގުތުކޮޅެއްގެ ގޮތުގަައި ގިނަ ބަޔަކު ސިފަކުރިއެވެ.

ނަމަވެސް ނުވަ މަސް ދުވަހަށްފަހު އެ ހުވަފެނީ ކައިވެންޏާއި ވަގުތުތައް ވަނީ ބަދަލުވެފައެވެ. ޒާރާއާއި ސިޔާމްގެ ކައިވެނި ރޫޅުނީއެވެ. އެކަން މިމަހުގެ 15 ވަނަ ދުވަހު އިއުލާނު ކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު އަދި ސިޔާމްގެ އެންމެ ގާތް އެއްބޭފުޅު ކަމަށްވާ މުޙައްމަދު އައްބާސް އެވެ. އައްބާސް ވިދާޅުވި ގޮތުގައި ނުހަނު ލޯބިން ކުރި އެ ކައިވެނި ރޫޅާލާފައިވަނީ ވެސް ދެމީހުން ރީތި ގޮތުގައި މަޝްވަރާ ކުރުމަަށް ފަހުގައެވެ.
ކައިވެނި ރޫޅުމަށްފަހު ކޮންމެ ދުވަހަކުހެން ގިނަ ބަޔަކު ބަލަމުންދިޔައީ ޒާރާގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށެވެ. އެ އެކައުންޓުތަކުން އިއްޔެ ސިޔާމްގެ ނަން ވަނީ އޭނާގެ ނަމާއި ވަކިވެފައިކަން ފާހަގަ ވެއެވެ. އަދި ސޯޝަލް މީޑިއާއަށް ސިޔާމްއާއެކު ލާފައި ހުރި ފޮޓޯތައް ވެސް މަދުވަމުން، ސިޔާމް އާއެކު ހުރި ހުރިހާ ފޮޓޯއެއްވެސް މިއަދު ޒާރާ ވަނީ ޑިލީޓު ކޮށްލާފައެވެ. ނުހަނު ލޯބިން ހަދާފައިވާ ”ޤަލްބީ“ ފޯލްޑަރެއް ވެސް މިހާރު ފެންނާކަށް ނެތެވެ.
އެހެންކަމުން ޒާރާގެ ހަޔާތުންް ސިޔާމް ގެއްލިއްޖެކަން އިތުރަށް ކަށަވަރު ވެއްޖެއެވެ.




