ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ”އަހަންނަކީ ނޫސްވެރިއެއް“ ޕްރޮގުރާމް ރ. އަތޮޅުގައި ފަށައިފިއެވެ.
މި ޕްރޮގުރާމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަކަށެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގުރާމްގައި ރ. އަތޮޅުގެ 13 ރަށަކާއި ނ. އަތޮޅު ހޮޅުދޫއިން ޖުމުލަ 37 މީހުން ބައިވެރިވެފައިވާ ކަމަށެވެ.
އަދި ބައިވެރިންގެ ތެރޭގައި ކައުންސިލް އިދާރާއާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުންނާއި އެ ސަރަހައްދުގައި ހިންގާ އޮންލައިން ނޫސްތަކުން ބައިވެރިވެފައިވާ ކަމަށް ޔޫތު މިނިސްޓްރީން ހާމަކުރެއެވެ.
މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޝަމްޢާން ވިދާޅުވީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ރައްޔިތުންނަށް ލިބިފައި ވާއިރު މަޢުލޫމާތުގެ ތެދު ދޮގު ވަކިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
”ހޭލުންތެރިކުރުމުގެ މި ޕްރޮގުރާމްގެ ތެރެއިން ޚަބަރުތަކުގެ ތެދު ދޮގު ދެނެގަންނާނެ ގޮތްތައް ކިޔައިދެވޭނެ“ އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ދިވެހިބަހާ މެދު ހޭލުންތެރިކުރުމަށް ޚާއްސަ ސެޝަންތަކެއް ކުރިއަށްދާނެ ކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ.




