ޕާކިސްތާނުގައި ފެން ބޮޑުވުމުގެ ސަބަބުން 170 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސީއެންއެން ނިއުސްއިން ހާމަކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި، މި އަދަދުގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނި ވެސް 54 މީހުން ވަނީ މަރުވެފައެވެ. ޖޫން 26 އިން ފެށިގެން މިއަދާ ހަމައަށް ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 85 ކުދިން މަރުވެފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ޕާކިސްތާނުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި ބުރާސްފަތި ދުވަހު އެކަނި ވެސް 100 މިލިމީޓަރުގެ ވާރޭ އެ ގައުމުގެ އެކި ސަރަހައްދުތަކަށް ވެހިފައިވެއެވެ. އަދި ހުކުރު ދުވަހު މިއަށްވުރެ ގިނައިން ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
”ފެންބޮޑުވުމުގެ ސަބަބުން ދަނޑުތައް ހަލާކުވެ، އާމްދަނީ ލިބޭނެ ދޮރު ވަނީ ބަންދުވެފައި. ގޭގެ ފުރާޅު ހަލާކުވެ ގޭތެރެއަށް ފެން ވެހެނީ،“ ޕަންޖާބު ސަރަހައްދުގައި ދިރިއުޅޭ ދަނޑުވެރިއެއް ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން ވަނީ އެކި ކަންކޮޅުތަކުގައި ހަތް އެހީދޭ މަރުކަޒު ޤާއިމުކޮށްފައެވެ. މި މަރުކަޒުތަކުން ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާއާއި، ފެނާއި، ބޭސްފަރުވާ އަދި ހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



