އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިމެނޭ ބިހާރު ސްޓޭޓަށް މޫސުން ގޯސްވެ، ވިދާ ގުގުރުމާއެކު ހޮނުއަޅައިގެން 33 މީހުން މަރުވެއްޖެއެވެ.
މި ހާދިސާގައި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން މިއަދު ވަނީ ހާމަކޮށްފައެވެ.
ބިހާރު ސްޓޭޓްގެ ކާރިސާ މެނޭޖްމަންޓް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ގެއިން ބޭރުގައި މަސައްކަތްކުރާ ދަނޑުވެރިންނާއި އާންމު މަސައްކަތްތެރިންނެވެ.
އަދި ސްޓޭޓްގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހިފައިވާއިރު، އިތުރު ހޮނުއެޅުމުގެ ހާދިސާތައް ކުރިމަތިވެދާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.
ބިހާރު ސްޓޭޓްގެ ކާރިސާ މެނޭޖްމަންޓް މިނިސްޓަރު، ވިޖޭ ކުމާރު މަންޑަލް ބުނި ގޮތުގައި، ހޮނުއެޅުމުގެ ނުރައްކާ ބޮޑު އަވަށްތަކުގެ އޮފިޝަލުންނަށް އެކަމުން ރައްކާތެރިވުމަށް ފިޔަވަޅު އަޅައި، ރައްޔިތުން ހޭލުންތެރިކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 4 މިލިއަން ރުޕީސް (ގާތްގަނޑަކަށް 4,600 ޑޮލަރު)ގެ ބަދަލު ދިނުމަށް ސްޓޭޓް ސަރުކާރުން ވަނީ ނިންމާފައެވެ.
ސްޓޭޓް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު 243 އަށްވުރެ ގިނަ މީހުން ހޮނުއަޅައިގެން މަރުވެފައިވާއިރު، މިދިޔަ އަހަރު 275 މީހުން ވަނީ މިފަދަ ހާދިސާތަކުގައި މަރުވެފައެވެ.
އިންޑިއާގެ އިރުމަތީ ސަރަހައްދަކީ، މޫސުމީ ވާރޭވެހޭ ދުވަސްވަރު ކޮންމެ އަހަރަކުވެސް ފެންބޮޑުވުމުގެ ހާދިސާތައް ތަކުރާރުވާ ސަރަހައްދެކެވެ. މިފަދަ ހާދިސާތަކުގައި އެތައް ބަޔަކު މަރުވުމުގެ އިތުރުން، ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން ޖެހެއެވެ.



