މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، މިއަދު އެނބުރި ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތުމުން ނައިބު ރައީސް ހުސެއިން ލަތީފާއި، ކެބިނެޓް މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ވަނީ، އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.
އިނގިރޭސިވިލާތަށް ރައީސް މުޢިއްޒު ކުރެއްވި އެ ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 އާއެކު އެމަނިކުފާނު ބޭއްވި ބައްދަލުވުމެވެ.
އެގޮތުން ރަސްގެފާނު ޗާލްސް އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާމެދު މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ.
އިނގިރޭސިވިލާތަށް ރައީސް މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާއެކު ސަރުކާރުގެ މަތީފަންތީގެ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ދަތުރުފުޅުގެ ތެރޭގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެށީގެ މައްސަލަތަކުގެ އިތުރުން، ވިޔަފާރި، ވުނަކުރުން އަދި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުން ދިނުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ވެސް ކުރެއްވިއެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.



