”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރި 4،000 ފްލެޓްގެ ތެރެއިން މި ވަގުތަށް މަސައްކަތް ނިމެން ގާތްވެފައިވާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު ހައުސިން މިނިސްޓްރީން ފަށައިފިއެވެ.
ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް އެކުލަވާލި ލިސްޓު މުރާޖައާކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގުމުން، އެ މަސައްކަތުގައި ލަސްތަކެއް ވުމަށްފަހު، ކުރީގެ ލިސްޓަށް ފްލެޓް ދޭން ނިންމީ މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގައެވެ.
އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މި މަހު (ޖުލައި މަހު) ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ފެށި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމޭނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ހައުސިންގް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ހިއްސާކުރަމުންދާ ކަމަށެވެ.
އެގޮތުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަން ޖެހޭ މުއާމަލާތްތައް ކުރިއަށް ގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކަމަށާއި އެއްބަސްވުންތަކުގައި ސޮއިކުރުމަށް އެ ކޯޕަރޭޝަނަށް ފޮނުވާ ފަރާތްތަކަށް ”ގެދޮރުވެރިން ޕޯޓަލް“ މެދުވެރިކޮށް އެކަން އެނގޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޕޯޓަލުން ނާންގާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވެސް ނުގުޅާނެ ކަމަށާއި އެފަދަ ސްކޭމް ފޯނު ކޯލުތަކާއި މެސެޖުތަކަށް ސަލާމުވުމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ފްލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.




