ފޭރުނު މައްސަލައެއް ބަލަންދިޔަ ފުލުހުންތަކަކަަށް ހަމަލާ ދިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ލޮނުޒިޔާރަތް މަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރު ބިރުދައްކައި، ތަނަކަށް ވައްދައި އެކައުންޓުގައި ހުރި ފައިސާ (200 ރުފިޔާ) ޓްރާންސްފަރ ކުރުވި މައްސަލައެއް ރޭ 11:57 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން އެ މައްސަލަ ބަލަން ފުލުހުން ދިޔައިރު، ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މީހުން އެ ސަރަހައްދުގައި ހުރި ގެއެއްގައި ތިބިކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެގެއަށް ފުލުހުން ވަންނަން އުޅުމުން ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގާފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އެހެންކަމުން ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ކުށުގައާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި، ބާރުގެ ބޭނުން ކޮށްގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ނ. ވެލިދޫ ފަރީސާމަންޒިލް / ހަސަން ލުޖައިން މުޙައްމަދު (23އ.) އާއި ހ. ކަނޑުފިނިގެ މުޙައްމަދު ޝަފީއު (55އ.) އެވެ.
ފުލުހުން ވިދާޅުވީ، މި ދެމީހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެމީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އަނިޔާވެފައިވުމުން އެމީހުންނަށާއި އެމީހުން މާރާމާރީ ހިންގި ފުލުސް އޮފިސަރަށް ފަރުވާ ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކުރިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފޭރުނު މައްސަލައާއި ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސް އެޅި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



