އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުގެ ބައްޕާފުޅު ސައީދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު، އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،
އިކޮނޮމިކް މިނިސްޓަރ ސަޢީދުގެ ލޮބުވެތި ބައްޕާފުޅު، ސަޢީދު ޢަބްދުﷲ، ވިނަރެސް / ހއ.ތުރާކުނު، އަވަހާރަވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކު ކަމަށެވެ.
”މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެއް. ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއް“ ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ،މަރުޙޫމް ސައީދު ޢަބްދުﷲ ގެ ޢާއިލާއަށް ނުހަނު އިޚްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.
މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލަހައްޓަވާށިއެވެ. އާމީން.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون




