ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދުގެ ދޮށީ ދަރިކަލުން އުމައިރު މުޙަައްމަދު މުޢިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައިން، އުމައިރުގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެމްޑީޕީން މާލޭގައި ބާއްވަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ މާރިޗް މަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި މަންދީ ވަނީ، ދިވެހިރާއްޖޭގައި ވޭޕްކުރުން ރައީސުލްޖުމްހޫރިއްޔާ މަނާ ކުރެއްވީ، އެމަނިކުފާނުގެ ދަރިކަލުން އުމައިރު އެކަން ކުރަން ފެށުމުންކަމަށް ބުނެ ތުހުމަތު ކޮށްފައެވެ. އަދި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް ވަނީ މަންދީގެ އެވާހަކަތައް ދިފާއު ކުރައްވާފައެވެ.
މަންދީގެ އެވާހަކަތަށް ކުށްވެރިކުރައްވާ ރައީސްގެ އާއިލާގެ ފަރާތްޕުޅުން މާރިޗް މަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެޑަމް ސާޖިދާގެ ފަރާތްޕުޅުން ޤާނޫނީ ވަކީލު އާޒިމާ ޝަކޫރުވަނީ ބަޔާނެއް އިއްވަވާ ދެއްވާފައެވެ.
އެ ބަޔާނުގައި މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ އުމައިރަކީ ދުވަހަކުވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަމަށާއި ދުންފަތުގެ އިސްތިއުމާލުވެސް ކުރި ކުއްޖެއް ނޫން ކަމުގައެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކާ ގުޅޭގޮތުން އެފަދަ ހަގީގަތެއްނެތް ވާހަކަ ފަތުރާފައިވާތީ މަންދީއާއި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އަދި އެމްޑީޕީގެ މައްޗަށް މަދަނީ ޝަރީޢަތް ހިންގުމަށް ދައުވާ ކުރައްވާނެކަމަށް އެ ބަޔާނުގައި މެޑަމް ސާޖިދާ ވަނީ އިއުލާނު ކުރައްވާފައެވެ.
މެޑަމް ސާޖިދާގެ ފަރާތްޕުޅުން އެ މައްސަލަތައް ސިވިލް ކޯޓުގައި ރެޖިސްޓަރ ކުރެއްވީ އޭޕްރިލް 16 ވަނަ ދުވަހުގައެވެ.
އެ މައްސަލަތަކަކީ:
1. ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައިއޮތުމުގެ ޙައްޤު ނިގުޅައިގެންފައިވާތީ ސިވިލް ކޯޓަށް :-
(ހ) މަރިޔަމް ޒުބައިރުގެ މައްޗަށް 1 މައްސަލަ
(ށ) ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަދި އެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢީލްގެ މައްޗަށް 1 މައްސަލަ
2. ޤާނޫނުއަސާސީ، ޤާނޫނު ނަންބަރު: 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކަމުގެ ޤާނޫނު) އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ ފެމިލީ ކޯޓަށް :-
(ހ) މަރިޔަމް ޒުބައިރުގެ މައްޗަށް 1 މައްސަލަ
(ށ) ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަދި އެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛް ފައްޔާޒު އިސްމާޢީލްގެ މައްޗަށް 1 މައްސަލަ
އެ މައްސަލާގައި ފަސްޓްލޭޑީ ކުރައްވާ ދައުވާތަކަށް ޖަވާބު ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާ ރައްދުވާ ފަރާތްތަކުން ޖަވާބު ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް ދިން މުއްދަތު ހަމަވި ފަހުން ޖަވާބެއް ފޮނުވިއެވެ. އެހެންކަމުން މެޑަމް ސާޖިދާ އެދިވަޑައިގަތީ މުއްދަތު ހަމަވި ފަހުން ޖަވާބު ހުށަހެޅުމުން، ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށެވެ.
މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރަށް އުނިކަން އަންނަ ކަމަށް ސާބިތުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކުރީ، މައްސަލަ ރައްދުވާ ފަރާތްތަކުގެ ގައިރު ހާޒިރުގައެވެ.
ސިވިލް ކޯޓުން ކުރި ހުކުމުން އެނގުުނު ގޮތުގައި ގައިރު ހާޒިރުގައި ކުރާ ހުކުމުން ތިން ކަމަކަށް މެޑަމް ސާޖިދާ އެދިވަޑައިގެންނެވިއެވެ.
އެއީ:
° ގާނޫނުއަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ސާޖިދާގެ ދަރިކަލަށް ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދިނުން
° ދަރިކަލަށް ލިބިފައިވާ އަދި ލިބޭނެ ކަމަަށް ގަބޫލުކުރެވޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުން
° ދަރިކަލަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށާއި އޭގެ ސަބަބުން ސަބަބުން ނުކުމެވެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށް ދައުވާ ލިބޭ ފަރާތްތަކަށް ކޯޓުން އެންގުން
މަދަނީ ކޯޓުން މި މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް މިއަދު ކުރެއްވި ހުކުމުގައިވަނީ މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންދާކަން ސާބިތުވާ ކަމަށެވެ.
އެހެންކަމުން، މަރިޔަމް ޒުބައިރުގެ އަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު މެޑަމް ސާޖިދާއަށް ލިބިވަޑައިގަންނަވާކަން އަދި ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުވާކުރެއްވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.
މީގެއިތުރުން މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީންނާއި ފައްޔާޒު ޒިންމާވާން ޖެހޭކަން ނުވަތަ ނޫންކަން ނިންމޭނީ މުޅި މައްސަލަ ބަލައިގެން ކަމަށާއި މާފަށް އެދެން އެންގުމަކީ ރާއްޖޭގެ ގާނޫނުތަކުން ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫން ކަމުގައިވަަތީ، އާންމުކޮށް މާފަށް އެދެން އަމުރު ކުރެވެން ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.



