ވިއެޓްނާމްގެ ހާ ލޯންގް ބޭގައި ކްރޫޒް ޝިޕެއް ބަންޑުންޖަހާލައި، ގިނަ އަދަދެއްގެ މީހުން މަރުވެއްޖެއެވެ.
ވިއެޓްނާމްގެ އުތުރުގައި ހިނގި މި ހާދިސާ ހިނގީ، ކުއާންގް ނިންހް ޕްރޮވިންސްގައި އޮންނަ ހާ ލޯންގް ބޭގައި ކުއްލިއަކަށް ކުރިމަތިވި ގަދަ ތޫފާނެއްގެ ސަބަބުން ބޯޓު ފޮރޮޅާލައިގެންނެވެ.
ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 1:30 އެހާކަންހާއިރު ހިނގި މި ހާދިސާގައި، ބޯޓުގައި ތިބި 48 ފަސިންޖަރުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަރުވެފައިވާއިރު، ވިއެޓްނާމް ނިއުސް އެޖެންސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 37 އަށް އަރާފައެވެ.
އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
ޓިއެން ފޮންގް މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދަތުރުކުރި މީހުންގެ ތެރޭގައި ގިނައީ ވެރިރަށް ހަނޯއީއިން ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓަށް ޒިޔާރަތްކުރި ވިއެޓްނާމްގެ އާއިލާތަކެވެ.
ބޯޓުގައި ތިބި 48 ފަސިންޖަރުންގެ ތެރޭގައި ހިމެނެނީ 24 ފިރިހެނުންނާއި 24 އަންހެނުންނެވެ. އޭގެ ތެރޭގައި ގިނައީ ޒުވާނުންނާއި ކުޑަކުދިންނެވެ.
މޫސުން ގޯސްވެފައި އޮތް ނަމަވެސް، ރެސްކިއު ޓީމުތަކުން ވަނީ 11 މީހުން ދިރިތިއްބާ ސަލާމަތްކޮށްފައެވެ. ވިއެޓްނާމްގެ ބޮޑުވަޒީރު ފާމް މިން ޗިން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފާޅުކުރައްވައި، މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލައްވާފައެވެ.
ރީތި ފެހި ފެނާއި ގިނަ އަދަދެއްގެ އުސް ލައިމްސްޓޯން ޖަޒީރާތަކަށް މަޝްހޫރު ހާ ލޯންގް ބޭ އަކީ ވިއެޓްނާމްގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ.
2019 ވަނަ އަހަރު އެކަނި ވެސް 4 މިލިއަނަށްވުރެ ގިނަ މީހުން މި ސަރަހައްދަށް ޒިޔާރަތްކޮށްފައިވެއެވެ.



