އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ކާނާ ވިހަވުމުގެ ސަބަބުން ގޮހޮރު ދުޅަވުމުގެ މައްސަލައެއް ކުރިމަތިވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 75 އަހަރުގެ ނަތަންޔާހޫއަށް ވަނީ ކާނާ ވިހަވުމުގެ ސަބަބުން ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައެވެ. މި މައްސަލައާ ގުޅިގެން އޭނާއަށް މިހާރު ދަނީ ޞިއްޙީ ފަރުވާ ދެމުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ފަލަސްތީނުގެ ކުށެއް ނެތް އެތައް ލައްކަ ރައްޔިތުންގެ ގާތިލު ކަމަށް ބެލެވޭ ނަތަންޔާހޫގެ މި ހާލަތާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ދަނީ އޭނާގެ ހާލަތު އިތުރަށް ގޯސްވެ ދިއުމަށް އެދެމުންނެވެ.
ނަތަންޔާހޫ އަކީ މި ފަހުގެ ތާރީޚު ދުށް އެންމެ ބޮޑު އަނިޔާވެރިޔާއެވެ. އޭނާގެ ވެރިކަމުގައި ފަލަސްތީނުގެ ވަޒަންވެރިންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތައް ވަނީ އެންމެ ނުރައްކާތެރި ހާލަތަކަށް ގޮސްފައެވެ.
ނަތަންޔާހޫއަށް ސިއްހީ އެކި މައްސަލަތައް މި ފަހުން ދިމާވެފައިވެ އެވެ. އޭނާގެ ހަށިގަނޑަށް 2023 ވަނަ އަހަރު ޕޭސްމޭކާއެއް ލައްވާފައިވެ އެވެ.
އަދި މިދިޔަ ޑިސެމްބަރު މަހު ވަނީ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދޭ މައްސަލައަކާ ހެދި އޭނާގެ ޕްރޮސްޓޭޓް ވެސް ނަގައިފަ އެވެ. އަދި ހާނިއާ ސާޖަރީއެއް ވެސް ހެދި އެވެ.



