އަންނަ އަހަރުގެ ބަޖެޓުގައި ވެސް ބޯހިޔާވަހިކަމުގެ އައު މަޝްރޫއުތަކަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް ސަރުކާރުން މިއަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވާއިރު، މި ބަޖެޓުގައި ބޯހިޔާވަހިކަމަށް ވަނީ ތިން ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. އަދި 1.8 ބިލިއަން ރުފިޔާ، ބޯހިޔާވަހިކަމުގެ އައު މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވެއެވެ.
ނ. އަތޮޅުގެ ރަށްތަކަށް މިއަދު ރައީސް ފެއްޓެވި ދަތުރުފުޅުގައި މާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ މާފަރެކޭ އެއްގޮތަށް މުޅި ރާއްޖެއަށް ވެސް ކުރިމަތި ވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.
އެހެންކަމުން މި މައްސަލަ ހައްލުކުރުމަށް މިއަހަރު ވެސް މަސައްކަތް ކުރާއިރު، ބޯހިޔާވަހިކަމުގެ އައު މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެއް ބިލިއަން ރުފިޔާ ކަނޑައަޅުއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”މިއަންނަ އަހަރަށް އަޅުގަނޑުމެން ޕްލޭންކޮށްގެން މި އުޅެނީ މިރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން. އަންނަ އަހަރު އިރާދަކުރެއްވިއްޔާ 2026ގެ ތެރޭގައި ބަޖެޓުގެ ތެރެއިން ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ތެރޭގައި ބޯހިޔާވަހިކަމަށް ކަނޑައަޅާނެ އެއް ބިލިއަން ރުފިޔާ، އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ އާ މަޝްރުއުތައް ފެށިގެންދާ ރަށެއްގެ ގޮތުގައި މިރަށް އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މާފަރުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެރަށުގެ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރިހަމަ ޓާމިނަލެއް އަޅައި، ފަތުރުވެރިންނަށް މަޑުކޮށްލެވޭނެ ފަދަ ހޮޓެލްއެއް ގާއިމް ކުރުން މުހިންމު ކަމަށެވެ. އެހެންކަމުން ޓާމިނަލް ހިމެނޭހެން، އެހެން ކަންކަން އެއާޕޯޓުގައި ކުރުމުގެ މަސައްކަތް މާ ލަސްތަކެއް ނުވެ ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.



