ނ. ހެނބަދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ހެނބަދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ. އެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހެނބަދޫގައި އަލަށް މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެނަކައާއެވެ. މިއީ 11،616،359.76 ރުފިޔާއަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މަސައްކަތް ފުރިހަމަ ކުރަން ދީފައިވަނީ 365 ދުވަސް (އެއް އަހަރު) އެވެ.
ލައިބްރަރީއަކާއި ކްލާސްރޫމެއް ހިމެނޭ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މިއީ އޭސީ އާއި ސޯލާވެސް ހިމެނޭނެ މިސްކިތެކެވެ.
ރައީސް މުޢިއްޒު ހެނބަދޫއަށް ކުރެއްވި މި ދަތުރުފުޅަކީ، ނ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. ހެނބަދޫއަަށް ރައީސް ވަޑައިގެންނެވީ އެ އަތޮޅު މާފަރަށް މިއަދު ފުރަތަމަ ވަޑައިގަތުމަށްފަހުއެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ މިދަތުރުފުޅުގައި އެކި ރަށްރަށުގައި ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ރަށްރަށަށް ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވައިގެން ކުރައްވަން އެކަށައަޅުއްވާފައިވާ ބައެއް މަސައްކަތްތައް ރައީސްގެ މި ދަތުރުފުޅުގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ:
° ނ. ހެނބަދޫ
° ނ. ހޮޅުދޫ
° ނ. ޅޮހި
° ނ. ކުޑަފަރި
° ނ. ކެނދިކުޅުދޫ
° ނ. ވެލިދޫ
° ނ. މަނަދޫ
° ނ. މަގޫދޫ
° ނ. މާޅެންދޫ
° ނ. މާފަރު
° ނ. މިލަދޫ
° ނ. ފޮއްދޫ
° ނ. ލަންދޫ
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.



