މާލޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ އިއްޔެ ހެނދުނު މ. އަސަރީ ހިނގުން އަދި އަސަރީ ގޯޅިގައި ބިދޭސީން ހަރަކާތްތެރިވާ ތަންތަނަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
”އެގޮތުން މި އޮޕަރޭޝަނުގައި ޖުމްލަ 57 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 9 ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި، މީގެ ތެރޭގައި 8 ފިރިހެނުންނާއި 1 އަންހެނަކު ހިމެނޭ“ އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުންގެ ހިދުމަތް ގުޅިގެން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.



