ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ތަމްރީނު ޖެޓެއް ވެރިރަށް ދާކާގެ ސްކޫލަކަށް ވެއްޓި، 19 މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
މި ނުރައްކާތެރި ހާދިސާގައި ވެއްޓުނު އުޅަނދަކީ އެ ގައުމުގެ އަސްކަރިއްޔާގެ އުޅަނދެއްކަން އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ދެއްވި މައުލޫމާތުގައިވާ ގޮތުން، ބަންގްލަދޭޝް އެއާފޯސްގެ އެފް-7 ބީޖީއައި ޓްރެއިނިން މަތިންދާބޯޓުވެއްޓުނީ ދާކާގެ އުތުރު ސަރަހައްދު ކަމަށްވާ އުއްތަރާއަށް، ބަންގްލަދޭޝް ގަޑިން 13:06 ގައެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބާން އެންޑް ޕްލާސްޓިކް ސާޖަރީގެ ޑޮކްޓަރެއް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި ހާދިސާގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ މީހުން ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދް ޔޫނުސް ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކޮށް، ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
”މިއީ ގައުމަށް ލިބުނު ފުން ހިތާމައިގެ ވަގުތުކޮޅެއް. އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދެން. އަދި މިހާދިސާގައި އަނިޔާވި މީހުންނަށްއެހީތެރިވުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން އިސްކަންދިނުމަށް އަންގަން،“ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔޫނުސް ވިދާޅުވިއެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފަޔާ ސާވިސްގެ ނުވަ ޔުނިޓާއި ހަ އެމްބިއުލާންސް ހަރަކާތްތެރިވަމުންދާކަން އެ ގައުމުގެ ފަޔާ ސާވިސްއިން ވަނީ ހާމަކޮށްފައެވެ.



