ނ. މާޅެންދޫގައި ތަރައްޤީކުރާ ފިޓްނަސް ސެންޓަރުގެ ބިންގާ މިއަދު އަޅައިފި އެވެ.
އެ ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން މާޅެންދޫގައި މިއަދު މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއުއެވެ.
މާޅެންދޫގައި ތަރައްޤީކުރާ ފިޓްނެސް ސެންޓަރުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިިމިޓެޑާއެވެ.
ރާއްޖޭގެ ގިނަ ރައްތަކެއްގައި ފިޓްނެސް ސެންޓަރު ޤާއިމް ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.




