މާލެ ސިޓީގެ މަގުތައް މަރާމާތު ކުރަން ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
މާލޭގެ މަގުތައް ރީތިކުރުމަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައި ވަނީ، މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ހަލުވިކޮށް، މެދުނުކެނޑި ކުރިއަށްގެންދިއުމުގެ ގޮތުންނެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ އެ ކައުންސިލަށް ގައު ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު އެ ކައުންސިލްގެ އިދާރާ، ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ.
”އަންދާސީ ހިސާބު ހުށަހަޅަން ވާނީ، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި، ހުށަހެޅި ފަރާތުގެ ނަމާއި، ޢިއުލާން ނަންބަރު އެނގޭހެން ބަޔާން ކުރުމަށްފަހު“ އެ ކައުންސިލުން ބުނެފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ އިތުރު މައުލުމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން bids@malecity.gov.mv އަށް މެއިލް ކުރުމަށް އެދިފައެވެ.



