އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކަރް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ސިއްހީ ސަބަބުތަކާ ގުޅިގެން ކަމަށް ވިދާޅުވެ ޖަގްދީޕް އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވީ ރޭގައެވެ. އަދި އިސްތިއުފާގެ ސިޓީ ވަނީ އިންޑިއާގެ ރައީސް ދުރޯޕަޅީ މުރްމޫ އަށް ހުށަހަޅުއްވާފައެވެ.
އުމުރުން 74 އަހަރުގެ ޖަގްދީޕް ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރެވުނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. އޭނާގެ ދައުރު ހަމަވާން ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގައެވެ. އަދި އޭނާއަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތީ މަޖިލިސް ކަމަށްވާ ރާޖިއަ ސަބާގެ ޗެއާމަން ވެސް މެއެވެ.
ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، ނައިބު ރައީސް އިސްތިއުފާ ދެއްވާފައިވަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީއާ މެދު އޮތް ނުތަނަވަސްކަމެއްގެ ސަބަބުންނެވެ. ނަމަވެސް މި މައްސަލައާ ގުޅޭގޮތުން ބީޖޭޕީން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
އިންޑިއާގެ ސިޔާސީ ނިޒާމުގައި ރައީސާއި ނައިބު ރައީސްގެ މަގާމަކީ ރަމްޒީ މަގާމުތަކެކެވެ.




