މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މާލެއިން ގެއްލިގެން ހޯދަމުން އަންނަ ގ. ގާރނެޓް ހަސަން ޔާމީން 30އ ސިނަމާލެ ބުރިޖު މަތީން ކަނޑަށް ފުންމާލާ މަންޒަރުގެ ސީސީޓީވީ ފުޓޭޖު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަސަން ޔާމީން ހޯދުމަށް ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖު ދިރާސާ ކޮށްފައިވާ ކަމަށެވެ.
މިގޮތުން މި މަހުގެ13 ވަނަ ދުވަހުގެރޭގެ ފަތިހު 3:24 ހާއިރު އޭނާ ސިނަމާލެ ބްރިޖުން މޫދަން ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މަޢުލޫމާތު އާއިލާއާ ހިއްސާކޮށް ތަހުގީގު ޓީމުން އާއިލާއާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަައިގެ ތަހުގީގަށް ލިބުނު އެ މައުލޫމާތާއި ގުޅިގެން، މެރިން ޕޮލިހާއި އެމްއެންޑީއެފްގެ ކޯސްޓްގާޑު ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
”މި މައްސަލައާ ގުޅޭގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ މަޢުލޫމާތު ފެތުރުމުން އެއްކިބާވުމަށް މީޑިއާ އަދި އާންމުންގެ ކިބައިން މި ފުރުސަތުގައި އެދެމެވެ. އަދި ހަސަން ޔާމީންގެ އާއިލާއަށް އިހްތިރާމް ކުރުމުގެ ގޮތުންނާއި ތަހުގީގު ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ހަމައެކަނި ދިވެހި ފުލުހުންގެ ޚިދުމަތުން ރަސްމީކޮށް ފޯރުކޮށްދެވޭ މަޢުލޫތުގެ މައްޗަށް ބަރޯސާވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވ.ެ“ ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
މި މަހުގެ 18 ވަނަ ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔާމީން ގެއްލިގެން މި މަހުގެ 14 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރުމުން އެކަން ފުލުހުންގެ ކަމާބެހޭ ހުރިހާ ޑިޕާޓްމެންޓުތަކަށާއި ކަމާބެހޭ އެހެނިހެން މުއައްސާސަތަކަށް އަންގާފައިވާނެ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި އޭނާ ރާއްޖެއިން ބޭރަށް ގޮސްފައި ނުވާކަން ފުުލުހުންގެ ތަހުގީގަށް އެހާތަނަށް އެނގިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.



