އިސްރާއީލުން އިބްރާހީމްގެފާނު މިސްކިތް ނުވަތަ މަސްޖިދުއް އިބްރާހީމީ ހިންގުމާއި ބެލެހެއްޓުން ފަލަސްޠީނުގެ މިނިސްޓްރީ އޮފް އެންޑޮވަރމަންޓް އެންޑް ރިލިޖަސް އެފެއާޒްގެ އަތުން ނިގުޅައިގަނެ، އިސްރާއީލުގެ ރިލިޖަސް ކައުންސިލަށް ހަވާލުކުރުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަން ކުށްވެރިކުރީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި ދާއިމީ މަންދޫބުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން އޯ.އައި.ސީ. އަށް އަދި ސައުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު ސަރީރު ދެއްވި ތަޤްރީރުގައެވެ.
އެ މަނިކުފާނުގެ ތަޤްރީރުގައި، މި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނޫތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، މިއީ ފަލަސްތީނުގައި ހުރި މުޤައްދަސް ތަންތަނުގެ އިސްލާމީ ތާރީޚު އޮޅުވާލުމަށް އިސްރާއީލުން ގަސްތުގައި ހިންގަމުންދާ އަމަލެއް ކަމުގައި ސިފަކުރެއްވިއެވެ.
އަދި މީގެ ސަބަބުން ސަރަހައްދުގައި ޞުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅި، އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ފާހަގަކުރެއްވިއެވެ.
ސަފީރު ސަރީރު އިތުރަށް ވިދާޅުވި ގޮތުގައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބައިނަލްއަޤްވާމީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައެޅުމަށާއި، މިނިވަން އަދި ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވާ މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިހުންނާނެއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަކީ 57 އިސްލާމީ ޤައުމު ހިމެނޭ، ފަލަސްތީނުގެ ޙައްޤުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ.
ދިވެހިރާއްޖެއަކީ 1976 އިން ފެށިގެން މި ޖަމުޢިއްޔާގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޤައުމެކެވެ.



