ނ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އެއާޕޯޓަކީ އެ އަތޮޅު ވިހަފަރުގައި ތަރައްގީކުރާ އެއާޕޯޓެކެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ނ. އަތޮޅުގެ ރަށްތަކަށް މިދިޔަ އާދީއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި އިއްޔެ އެ އަތޮޅު ހޮޅުދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ މިހާރު އެ އަތޮޅުގައި އެއާޕޯޓު ހިންގާ މާފަރާ ދުރު ސަރަހައްދުގައި އޮންނަ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް އިތުރު އެއާޕޯޓެއް މުހިންމު ކަމަށެވެ.
”މި އަތޮޅަށް އިތުރު އެއާޕޯޓެއް، މި ސަރަހައްދުން؛ ހޮޅުދޫ، ވެލިދޫ، ފޮއްދޫ. މި ސަރަހައްދުން އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ސްޓޭންޑާޑުން ވެސް އިތުރު ޑޮމެސްޓިކް އެއާޕޯޓެއް. ވެލިދޫ ކައިރީ އޮންނަ ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަޅުގަނޑު ނިންމާފައިވާކަން، އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ފާށާނެކަން ތި ބޭފުޅުންނަށް މި ޖަލްސާގައި އަޅުގަނޑު އިއުލާނު ކުރަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެއާޕޯޓުގެ ފައިދާ އެ ސަރަހައްދުގެ ރައްޔިތުންނަށާއި ޓޫރިޒަމަށް ވެސް ކުރާނެ ކަމަށެވެ.



