މާލެ ސިޓީ ކައުންސިލްގެ ބިމެއް ކަމަށްވާ ”ތައިސޭ ކޮށި“ ދިވެހި މިއުޒިކް އާޓިސްޓުންނަށް ކުއްޔަށް ދޭން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ތައިސޭ ކޮއްޓަކީ މާލެ ސިޓީގެ އާންމު ހިދުމަތްތަކާބެހޭ ބައިގައި އޮންނަ ހުސް ބިމެކެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވީ، އެ ބިން ދިވެހި ޒުވާނުންގެ އެކި ކަންކަމަށް ކުއްޔަށް ދޫކުރުމަށެވެ. ކައުންސިލު ޖަލްސާއަށް މިއަދު ވަޑައިގެންނެވި 10 މެންބަރުންގެ ތާއީދާއެކު އެ ހުށަހެޅުން ވަނީ ފާސްވެފައެވެ.
މޭޔަރު އާޒިމް ވިދާޅުވީ ތައިސޭ ކޮށި ބިން ކައުންސިލުން މިހާރު ވަނީ އެއްކޮށް ސާފުކޮށް، އެތަނުގެ ގޮނޑުކަން ފިލުވާފައި ކަމަށެވެ.
އެހެންކަމުން އެތަނުގައި ރަނގަޅު ބިމެއް ހެދިފައިވާތީ، މޭޔަރު ހުށަހެޅުއްވީ އެ ބިމުން އާމްދަނީ ލިބޭނެ ގޮތެއް ހެދުމަށެވެ.
އެޖެންޑާއަށް އާޒިމް ހުށަހެޅުއްވީ މިހާރު ކައުންސިލުން ބިން ކުއްޔަށްދޭ އަގަށް ބަލައި، ހުނަރުވެރި ޒުވާނުންނަށް ކުއްޔަށް ދޫކުރުމަށެވެ.




