ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި ނިޢުމާތު ޝަފީގުގެ މަޤާމުގެ މުއްދަތު 5 އަހަރަށް އިތުރު ކުރައްވައިފިއެވެ.
ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމަށް ނިޢުމާތު ޝަފީގު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު 23 ޖުލައި 2020 ގައެވެ.
އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ 5 އަހަރުގެ ދައުރަކަށެވެ. ނިޢުމާތުގެ މަޤާމުގެ މުއްދަތު، މި މަހުގެ 23 ވަނަ ދުވަހު ހަމަވާތީ، 5 އަހަރުގެ ދައުރެއް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ރިޕޯޓް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ނިޢުމާތުގެ މަޤާމުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓު ދެއްވި 50 މެންބަރުންގެ އިއްތިފާޤުންނެވެ.
ނިޢުމާތު ޝަފީޤަކީ އިންޓަނޭޝަނަލް މާސްޓަރ އިން އަރލީ ޗައިލްޑްހުޑް ހާސިލު ކުރައްވައި، އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލެންޑުން ބެޗެލަރ އޮފް އަރލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ މިނިވަން، މުސްޠަޤިއްލު އިދާރާއެކެވެ.


