ނ. މަގޫދޫ ހެލްތު ސެންޓަރާއި ސްކޫލްގެ އާ އިމާރާތުގެ އެއްބަސްވުމުގައި އަންނަ ސެޕްޓެމްބަރު މަހު ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެ މަނިކުފާނު ނ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރު ފުޅުގައި އެ އަތޮޅު މަގޫދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަގޫދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އަންނަ ސެޕްޓެމްބަރު މަހު މަޝްރޫއުގައި ސޮއިކުރަން ނިންމާފައިވާނެ ކަމަށެވެ.
އެގޮތުން ސްކޫލްގެ އައު އިމާރާތުގައި އިތުރު ކުލާސްރޫމްތަކާއި ލައިބްރަރީއަކާއި ހޯލެއް އަދި މުވައްޒަފުންނަށް ބޭނުންވާ އެހެނިހެން ޖާގައިގެ ދަތިކަމަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަގޫދޫ ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އާ އިމާރާތެއް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އަންނަ ސެޕްޓެމްބަރު މަހު ސޮއި ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މިހާރު އެ މަސައްކަތް އޮތީ ޓެންޑާ އިއުލާންކުރެވި ބިޑުތައް ބަލައިގަނެ އިވަލުއޭޝަން ސްޓޭޖުގައި ކަމަށެވެ.



