ސަރުކާރުގެ ކަންކަން ރޭވިފައިވަނީ، އެއް ކުންފުނި އަނެއް ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭ ބީދައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު، އެ އަތޮޅު މަގޫދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީގައިސްގެ ވާހަކަފުޅު ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް މަގޫދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢެވެ.
ނ. މަގޫދޫގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ބައްލަވައިލައްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގެ ކަންކަން ރޭވިފައި ވަނީ، އެއް ކުންފުނި އަނެއް ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭ ބީދައިން ކަމަށެވެ.
”މަޝްރޫޢަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްތައް އެމް.ޑަބްލިއު.އެސް.ސީއިން ކުރިއަށްގެންދާއިރު، މަޝްރޫޢު ހިންގަން ބޭނުންވާ އިންސާނީ ވަސީލަތުގެ ކަންކަން ހަމަޖައްސަމުން ގެންދާނީ ފެނަކައިން“ ރައީސް ވިދާޅުވިއެވެ.
މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢޫތަކެއްގައި ސެޕްޓެމްބަރު މަހާ ހިސާބުގައި ސޮއިކުރެވި، މާ ލަސްތަކެއް ނުވެ ޢަމަލީ މަސަސައްކަތްތައް ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ހަމަމިއާއެކު މަގޫދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް ހިންގާ ޝޯ ޕްރޮޓެކްޝަން މަޝްރޫޢުގައި އަންނަ މަހު ސޮއިކުރެވޭއިރު، މޫދަށް އެރިއުޅެވޭ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ ކަންކަންވެސް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، އެ މަނިކުފާނު އުއްމީދު ކުރައްވަނީ، ދެން ނ. މަގޫދޫއަށް ވަޑައިގަންނަވާނީ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ކަމުގައި ވިދާޅުވަމުންނެވެ.




