ނ. ވެލިދޫގައި ތަރައްޤީކުރާ ހޮސްޕިޓަލްގެ ބިންގާ އަޅައިފިއެވެ.
ވެލިދޫ ހޮސްޕިޓަލުގެ ބިންގާ އަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
ވެލިދޫގައި ބޭއްވި އެ ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާޙިމްއާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އަދި ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިންއެވެ.
ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއެވެ. އަދި އެއީ 540 ދުވަހުން ނިންމާގޮތަށް، 108 މިލިއަން ރުފިޔާއަށެވެ.



