ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ސްކޫލު ބަންދާ ދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މާލެ ފްރޮންޓްލައިން ޕޮލިސިންގގެ ނެއިބަރހުޑް ސަޕޯޓުން “ސޭފް ހޮލިޑޭސް” ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ޖުލައި މަހުގެ 22އިން ފެށިގެން ތިންދުވަހުގެ މުއްދަތަކަށެވެ.
ފުލުހުން ބުނީ މި ހަރަކާތުގައި، މާލޭގައި ރައްޔިތުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި، ވިޔަފާރިތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން އާންމު ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެގޮތުން، ޗުއްޓީއަށް ފުރުމުގެ ކުރިން ރައްޔިތުންގެ ގެދޮރާއި އަގުހުރި ތަކެތި ގެއްލުމެއް ލިބުމުން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



