ނ. ޅޮހީގެ އިހުތިޞާސްގައި ގޯނބިލިވާދޫ ހިމަނައިދިނުމަށް ޅޮހީ ކައުންސިލުން އެދިލައްވައިފިއެވެ.
ޅޮހީ ކައުންސިލުން މިިގޮތަށް އެދިލައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅޮހީ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި އެކު މިއަދު ޅޮހީ ސްކޫލްގައި ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ޅޮހީ އިހުތިސޯސްގައި ގޯނބިލިވާދޫ ހިމަނައިދެއްވުމާއި ބަނދަރުގެ ނެރު ބަދަލުކޮށް ފަސޭހަ ފަޅެއްގެ ގޮތުގައި ހެދުމުގެ މުހިންމުކަމުގެ އިތުރުން އޮޑި އެހެލާ ސަރަހައްދުވެސް ބަނދަރާއެކު ހިމެނިގެން މަސައްކަތް އަވަސް ކުރުމުގެ މުހިންމުކަން ހިމެނެއެވެ.
މީގެ އިތުރުން ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލަކާއި ރިސޯސް ރޫމުތައް ގާއިމުކުރުމަށް ބޭނުންވާކަންވެސް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ.
އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއެކު ރަށުގައި އާންމުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ފަތުރުވެރިންނަށް ޚާއްޞަ ބީޗް ސަރަހައްދެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިލައްވާފައިވެއެވެ.
މީގެ އިތުރުން ހައުސިންގ ސްކީމް ނެތް ރަށްރަށަށް ލޯނު ސްކީމެއް ހަމަޖެހިގެން ދިއުމާއި ބައިނަލްއަގުވާމީ ފެންވަރަށް ރާޅާއަޅާ ސަރަހައްދު ތަރައްޤީ ކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.



