49 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ރަޝިޔާގެ މަތިންދާބޯޓެއް އެ ޤައުމުގެ އިރުމަތީ އަމޫރް ސަރަހައްދަށް ވެއްޓިއްޖެއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ވެއްޓިފައިވަނީ އަންތޯނޮފް އޭއެން-24 މަރުކާގެ މަތިންދާބޯޓެކެވެ.
އެ ސަރަހައްދުގެ ގަވަރުނަރު ވަސީލީ އަރްލޯފް ވިދާޅުވީ، ވެއްޓުނު މަތިންދާބޯޓުގައި 43 ފަސިންޖަރުން ތިބި ކަމަށާއި، އޭގެ ތެރޭގައި ހަތަރުު ކުޑަކުދިން ހިމެނޭ ކަމުގައެވެ. އޭގައި ހަ ފަޅުވެރިން ތިބި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގައި އެ އެންމެން މަރުވެފައިވާ ކަމުގައި ބެލެވުނު ނަމަވެސް، ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ވެއްޓިފައި ވަނީ ރަޝިޔާގެ ބްލަގާވިއެއިޝެންސްކުން ފުރައިގެން 570 ކިލޯމީޓަރު ދުރުގައި އޮތް ތީންދާއަށް ދަތުރު ކުރި މަތިންދާބޯޓެކެވެ.
ރަޝިޔާގެ ކުއްލިހާލަތްތަކާ ބެހޭ ޚިދުމަތުން ބުނީ، މަތިންދާބޯޓު ވެއްޓިފައި ވަނީ ތީންދާއާ 15 ކިލޯމީޓަރު ދުރުގައި އޮތް ޖަންގަލިބޯ ސަރަޙައްދަކަށް ކަމުގައެވެ. އަދި، ވެއްޓުނު ބޯޓުގެ ބައިތައް ފެނިފައިވާ ކަމުގައެވެ. އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރަކުން ނަގާފައިވާ ވީޑިޔޯއަކުން ފެންނަނީ، ބޯޓުގެ ބައިތަކާއި އަލިފާންގަނޑެއް ރޯވެ، ދުން އަރަމުންދާ މަންޒަރެވެ.



