މަގުމަތީގައި އުޅޭ ބުޅާތަކަށް ގޯނާ ނުކުރަން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އެދިއްޖެއެވެ.
އެ މިނިސްޓްރީން ބުނީ މިހާރަކަށް އައިސް މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަ ކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އެގޮތުން މިއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކަށްވާތީ، އެކަން ނުކުރަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަފްހޫމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ، ޖަނަވާރަށް ލިބިގެންވާ ފަސް މިނިވަންކަމެވެ.
1- ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
2- ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
3- ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
4- ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން.
5- އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.
ދިވެހިރާއްޖޭން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށާއި ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، ޢިލްމީ ދިރާސާކުރުމަށާއި، މިނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި ޖަނަވާރުގެ ދުޅަހެޔޮކަން ކަށަވަރުކުރަން ޖެހޭކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ ދުނިޔެއަކީ އިންސާނުންނާއި، ޖަނަވާރުންވެސް އުޅެން އޮތް ތަނަކަށްވާއިރު ހުރިހާ ޖަނަވާރަކަށްވެސް ރައްކާތެރި، ރަނގަޅު ތަނަކަށް ހެދުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބާރުއަޅާ ކަމަށެވެ.
މިގޮތުން، މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށްޓަކައި އެ މިނިސްޓްރީން ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކޮށްފައިވާ އޮޅުހިޔާއަށް އިތުރަށް ބުޅާ ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށެވެ.



