ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ މަޝްރޫޢުތައް ބައްޓަންކުރެއްވުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރެވުނު ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން މިނިސްޓަރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާއި ރައްޔިތުންނާ ގާތުން ވެރިކަން ކުރެއްވުމަށް ރައީސް ދެއްވާ އިސްކަން ހާމަވެގެންދިޔަ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެކަންކަމަށް ސީދާ އަޑުއައްސަވާފައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުން ކުރިމަގުގައި ސަރުކާރުގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.
އަދި މިއީ ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ސަރުކާރުގެ މަސައްކަތްތައް ރައްޔިތުންނާ ގާތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސްގެ ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމާއި ރައްޔިތުންގެ ބާރުވެރިކަން އިތުރުވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.



