ބޮލީވުޑްގެ އެންމެ ފަހުގެ ލަވްސްޓޯރީ ’ސައިޔާރާ‘ ފިލްމް ރިލީޒް ކުރިތާ ހަތަރު ދުވަސްތެރޭ 150 ކްރޯޑް ރުޕީސް ހޯދައިފިއެވެ.
މި ފިލްމަކީ ބޮކްސް އޮފީހުގައި ރެކޯޑްތައް މުގުރާލަމުންދާ ފިލްމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަލަށް ތައާރަފްކުރި ތަރިން ކަމަށްވާ އަހާން ޕަންޑޭ އާއި އަނީތު ޕާއްޑާ ލީޑް ރޯލުން ފެނިގެންދެއެވެ. ޗަންކީ ޕާންޑޭގެ ކޮއްކޮ އަހާން ޕާންޑޭ މި ފިލްމުން ވަނީ ބޮލީވުޑްގެ ދުނިޔެއަށް ވަރުގަދަ ތައާރަފެއް ހޯދާފައެވެ.
”ސައިޔާރާ“ ގައި ކިޔައިދެނީ ޒާތީ ދިރިއުޅުމުގެ ގޮންޖެހުންތަކުގެ ތެރޭގައި ލޯބީގެ އުނދަގޫ ހާދިސާއެއްގައި މަންޖޯޅި ޖެހިފައިވާ ވާނީ އާއި ކްރިޝްގެ ވާހަކަ އެވެ. ފިލްމުގެ ވާހަކައާއި ޖަޒުބާތު ކައްކާލާ މިއުޒިކާއި ތަރިންގެ ކެމިސްޓްރީން ބެލުންތެރިންގެ ހިތް ގުޑުވާލައެވެ.
ފުރަތަމަ ހަފްތާ ބަންދުގައި 150 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ހޯދި މި ފިލްމަށް ފާޑުކިޔުންތެރިން ވަނީ މަތިން މަތިން ތައުރީފްކޮށްފައެވެ.
ބޮލީވުޑް މަސާލާއާ ދުރަށް ޖެހިލައި ބެލުންތެރިންނާ ޒާތީ ފެންވަރުގައި ގުޅޭ ގޮތަށް ފިލްމުގެ ސްޓޯރީއާއި ސްކްރިޕްޓް ބައްޓަންކޮށްފައި ވުމަކީ މި ފިލްމުގެ ކާމިޔާބީގެ މައިގަނޑު ސިއްރު ކަމުގައި ބެލެވެއެވެ.
ޔާޝް ރާޖް ފިލްމްސް އާއި ޑައިރެކްޓަރު މޯހިތު ސޫރީއަށް މި ފިލްމަކީ މުހިންމު ފިލްމެކެވެ. މީގެ ކުރިން މި ދެފަރާތުން ގެނެސްދިން ”އާޝިގީ 2“ އާއި ”އޭކް ވިލަން“ ފަދަ ފިލްމުތައް ވެސް ވަނީ ކާމިޔާބު ވެފައެވެ.



