މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން މިއަދު އިއުލާނު ކޮށްފިއެވެ.
އިމިގްރޭޝަނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، 65 އަހަރުން މަތީގެ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އެ އޮފީހަށް ހާޒިރުވެގެން ވެސް ޕާސްޕޯޓަށް ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 އަށް އެ އޮފީހަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރާނީ ވެސް އެ ވަގުތުތަކުގައެވެ.
އަދި އާދިއްތަ އަދި ހޯމަ ދުވަހު، އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމާއި ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރުން ކުރިއަށްދާނީ ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އަށެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ސަރުކާރުން ވަނީ ތިން ދުވަސް ބަންދު ކުރުމަށް ނިންމަވާފައެވެ.




