އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުން އިންޑިޔާއަކީ އަބަދުވެސް ރާއްޖެއަށް އިތުބާރު ލިބިފައިވާ ރަހުމަތްތެރިއެއްކަން ހާމަވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މޯދީގެ ދަތުރުފުޅާ ގުޅިގެން ނެރުއްވި ބަޔާނުގައި ސޯލިހު ވިދާޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި މޯދީއަށް ދައުވަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށެވެ.
”މި ދަތުރުފުޅު ކުރައްވަނީ ދެ ގައުމުގެ ގުޅުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި. މީގެއިން ދައްކުވައިދެނީ އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނަށް ކުރާ އިހުތިރާމް.“ ސޯލިހު ވިދާޅުވިއެވެ.
ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް އިންޑިއާއަކީ ރާއްޖެއަށް އިތުބާރު ކުރެވޭ ގާތް އެކުވެރި ގައުމެއްކަން މި ދަތުރުފުޅުން ހާމަވެގެންދާ ކަމަށް ސޯލިހު ފާހަގަކުރެއްވިއެވެ.
އަދި މި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ދެ ދުވަހުގެ ދަތުރުފުޅުގައި ރައީސް މުޢިއްޒާ ބައްދަލުކުރައްވައި، މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އިންޑިއާއާއި ރާއްޖެއާ ގުޅިގެން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާޙްކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.




