މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ހަމަޖައްސާފައިވާ މިނިމަމް ރިޒާވް ރިކުއާމަންޓް (އެމްއާރްއާރް) 5 ޕަސެންޓަށް ދަށްކޮށްފިއެވެ.
މި ބަދަލަކީ ހަމައެކަނި ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ގެނެވުނު ބަދަލެކެވެ.
އެމްއެމްއޭއިން ބުނިގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރު ލުޔެއް ހޯދައިދިނުމެވެ. މި ބަދަލާއެކު ބޭންކިންގ ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވެގެންދާނެއެވެ.
މި ބަދަލުގެ ސަބަބުން ބޭންކުތަކަށް ވަގުތުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދޫކުރުމަށް ލިބިގެންދާނެ ކަމަށާއި، މީގެ ސަބަބުން ބޭރު ފައިސާގެ ލޯނު ދޫކުރުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
މި ބަދަލަކީ ޤައުމުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ބަދަލެއްކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
އަދި މި ބަދަލުގެ ސަބަބުން ވިޔަފާރިތަކަށް ބޭރު ފައިސާގެ ލޯނު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެކަމަށްވެސް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.




