އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެ ކަމަށް އިންޑިއާގެ ބޮޑުވަަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑު ވަޒީރު މޯދީ މިހެން ވިދާޅުވީ ރާއްޖެ ވަޑައިގަތުމަށްފަހު އެކްސްގައި ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައެވެ.
މޯދީގެ ޕޯސްޓުގައި ވިދާޅުވީ މާލެ ވަޑައިގެންފައިވާ ކަމަށާއި މަރުހަބާ ވިދާޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރައްވާ ކަމަށެވެ.
”އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން.“ މޯދީގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މިއަދު ހެނދުނު 9:15 އެހާކަންހާއިރު މޯދީ ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ.
ބޮޑުވަޒީރު މޯދީ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ކުޅިވަރުގެ ހަރަކާތްތަކުގައި ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މޯދީގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒާ ބައްދަލުކުރައްވައި، މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. ހަމައެހެންމެ އިންޑިއާއާއި ރާއްޖެއާ ގުޅިގެން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާޙް ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.



