މާލެ ސަރަހައްދުގައި މަގުމަތީގައި ދިރިއުޅޭ ބުޅާތައް ”އޮޅުހިޔާ“އަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަރަންޓީނުގެ ކެޕޭސިޓީ އިތުރު ކުރުމަށް އިތުރު 70 ކޮށި ތައްޔާރު ކުރުމުގެ މަސައްކަތް އެނިމަލްވެލްފެއާ މިނިސްޓްރީން ފަށައިފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށްފަހު ޖެނެރަލް ބަޔަށްލުމުގެ ކުރިން ގިނަ ކަރަންޓީން ފޭސްތަކެއް ކަޑައްތުކުރަން ޖެހޭ ކަމަށާއި ސަބަބަކީ މަގުތަކުން ގެންނަ ބުޅާތަކަކީ އެކި ބަލިތަކާއި ރޯގާތައް ޖެހި، އަދި އެކި ވަރުގެ އަނިޔާތައް ލިބިފައި ތިބޭ ބުޅާތަކަށް ވާތީ ކަމަށެވެ.
”މި ވަގުތު ކަރަންޓީން ގައި ތިބީ އެއްމެ ފަހުން ނެގުނު 28 ބުޅާ، ކަރަންޓީން ކުރެވޭ ކެޕޭސިޓީ އިތުރު ކުރުމުން އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭނެ“ އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ ހުރިހާ ބުޅާތައް ގެނެސް ކޮށިތަކަށް އަޅާލުމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެސޮރުމެންނަށް ލިބެންޖެހޭ އަޅާލުމާއި ބޭސްފަރުވާވެސް ފުރިހަމަކޮށް، އެސޮރުމެން ބެލެހެއްޓުން ކަމަށެވެ.




