މިއަދު ހެނދުނު ރާއްޖެ ވަޑައިގަތް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ޖުމްހޫރީ މައިދާނުގައި ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
މޯދީއަށް ރާއްޖެއިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ މިއަދު މެންދުރުފަހު ޖުމްހޫރީ މައިދާނުގައެވެ.
ޖުމްހޫރީ މައިދާނަށް ބޮޑުވަޒީރު މޯދީ ވަޑައިގަތުމުން އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި މޯދީ އަށް މަރުހަބާ ދެންނެވުމަށް ރައީސްގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ސަރުކާރުގެ އެހެނިހެން އިސްވެރިން ވަނީ ޖުމްހޫރީ މައިދާނަށް ވަޑައިގެންފަ އެވެ.
މޯދީގެ ފޮޓޯއާއި އިންޑިއާގެ ދިދަ ބޭނުންކޮށްގެން އެ ސަރަހައްދު ބޮޑު ވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ތައްޔާރުކޮށްފައި ވާއިރު، އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ ސްކޫލްތަކުގެ ދަރިވަރުން ހުށަހަޅައިދިން އައިޓަމެކެވެ.
އެއަށްފަހު އެމްއެންޑީއެފުން ވަނީ މޯދީގެ އިއްޒަތުގައި ޝަރަފުގެ ބަޑި ޖަހައި، ދެ ގައުމުގެ ގައުމީ ސަލާން ހުށަހަޅައިދީފައެވެ.
އޭގެ ފަހުން މޯދީގެ ޝަރަފްގައި އޮތް އޮނާ ގާޑް އިންސްޕެކްޓްކޮށްދެއްވާފައި ވާއިރު، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ރަތް ދޫލަ އަޅާފައި އޮތް އިރު، ރަސްމީ އިއްޒަތުގައި މޯދީ ވަނީ ހަތްކޮޅުގައި ހިންގަވާފައި ރައީސް އޮފީހަށް ވަޑައިގެންފައެވެ.



