ތައިލެންޑާއި ކެމްބޯޑިއާގެ އަސްކަރިއްޔާގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 12 މީހަކު މަރުވެއްޖެއެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތައިލެންޑްގެ ތިން ޕްރޮވިންސަކަށް ނިސްބަތްވާ 11 އާންމުންނާއި އަސްކަރީ އެކެކެވެ. މީގެ ތެރޭގައި އަށް އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެއްވެސް ހިމެނެއެވެ.
މި ހަމަނުޖެހުންތަކުގައި ދެ ގައުމުގެ އަސްކަރިއްޔާއިން ބަޑީގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު، ކެމްބޯޑިއާއިން ތައިލެންޑަށް ވައިގެ ހަމަލާތައް ދީފައިވަނީ ތައިލެންޑުން ރޮކެޓް ހަމަލާތައް އެ ގައުމަށް އަމާޒުކުރި ކަމަށް ބުނެއެވެ.
ނަމަވެސް ކެމްބޯޑިއާގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.
ހަމަނުޖެހުންތައް ފެށުނު ގޮތާ މެދު ދެ ގައުމުން ދައްކަނީ ތަފާތު ވާހަކަތަކެކެވެ. ހަމަނުޖެހުންތައް ފެށުނީ ކެމްބޯޑިއާގެ އަސްކަރިއްޔާއިން ބޯޑަރު ކައިރީގައި ތިބި ތައިލެންޑް ސިފައިންގެ ސަވައިލެންސް ހިންގުމަށް ޑްރޯންތައް ބެހެއްޓުމުން ކަމަށް ތައިލެންޑުން ބުނާއިރު، ކެމްބޯޑިއާއިން ބުނަނީ ތައިލެންޑް ސިފައިން، ބޯޑަރު ކައިރީގައި ހުރި ޚްމޭރު ހިންދޫ ފައްޅި ހުންނަ ސަރަހައްދަށް ވަދެ، ކުރިން ވެވިފައިވާ އެއްބަސްވުމަކާ ހިލާފުވުމުން ކަމަށެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ދެ ގައުމުން ވެސް ބޯޑަރު ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް އެ ސަރަހައްދުތަކުން ނުކުތުމަށް އަންގާފައިވެއެވެ. މިގޮތުން ތައިލެންޑުން ވަނީ 40،000 އާންމުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ.
މި ހަމަނުޖެހުންތަކުގައި މަރުވި މީހުންނަކީ ސޫރިން، އުބޮން ރައްޗަތާނީ އަދި ސްރީސަކެޓް ޕްރޮވިންސްއަށް ނިސްބަތްވާ މީހުންނެވެ.




