ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ދިދަ މިއަދު ނަގައިފިއެވެ.
މިކަމަށްޓަކައި ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު 6:00 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ ދެ ކަނބަލުންގެ އިތުރުން މި ރަސްމިއްޔާތުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުޙައްމަދުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިވަން ދުވަހުގެ ދިދަނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި، ޤައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާއި ގުޅޭ ޚާއްސަ ދުޢާއެއް ކުރުންވެސް އޮތެވެ. މި ރަސްމިއްޔާތު ނިންމަވާލައްވާފައި ވަނީ ޤައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީގައި ޤައުމީ ސަލާމް ކުޅުމާއެކުގައެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަދު ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި މުނާސަބަތާ ގުޅިގެން އިތުރު ހަރަކާތްތަކެއް ވެސް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިއަދު ހަވީރު 4:15 ގައި، ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްވެސް އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.
މީގެއިތުރުން މާލޭގެ ބޮޑެތި މަގުތަކުގައި މިއަދު ހަވީރު 4:15 ގައި، އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތަކާއި، ޕެރޭޑު އަދި ޤައުނީ ކެޑޭޓްކޯގެ ޕެރޭޑާއި ރޫޓްމާޗް އޮންނާނެވެ. މި ހަރަކާތް މާދަމާ ހަވީރު ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ވެސް އޮންނާނެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 8:30 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.
މީގެއިތުރުން މާދަމާ ރޭ 8:30 ގައި، މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭގައި ބާއްވާ ފުޅަނދުބުރު އޮންނާނީ 28 ޖުލައި ވަނަ ދުވަހުގެ ރޭ 8:30 ގައި، ހުޅުމާލޭގެ ބޮޑެތި މަގުތަކުގައެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ.



